ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާތީ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަޙައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން ފާހަގަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ އަދި އެންމެ އިސް އަމާޒަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

