މެދުއިރުމަތީގެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަނީ

 

އެލީނާމެންގެ އެޕާޓްމެންޓްގައި ހިފާލާފައިވަނީ ކޮންމެ މީހެއްގެ ބަނޑުފުރިގެންދާހާ މީރު ވަހެކެވެ. ޗޮކްލެޓް ޗިޕްސް މަފިންސްތައް ފިހެވޭ ވަހުން، ކުޅު ދިޔާވާ ވަރުވެއެވެ. ކުރިއަށް ވުރެ ހަމަޔަކަށް އެޅިފައި ހުރި އެލީނާ އިރުއިރުކޮޅާ ނޭފަތް ދަމާލައެވެ. ގިނައިރު ރުއިމުގެ ސަބަބުން ނޭފަތް ބެދިފައި ހުރުމާ އެކީގައެވެ. މެންދުރު ކައިގެން ހޮޓެލް އަށް ދިޔަ ނާޝިދުވެސް ގެއަށް އައިސް ވަނީ އެވަގުތުއެވެ. ނޭފަތް ދަމާލެވުނީވެސް ދުވި މީރުވަހުންނެވެ. އެލީނާ މާ ބުރަކޮށްލައިގެން ބަދިގޭގައި އުޅޭތަން ފެނުމުން އެލީނާއަށް ގޮވާލާފައި އޭނާ ބަލާލީ ރަމްލާ ކޮބައިތޯއެވެ. ނަމަވެސް ނާޝިދަށް ފާހަގަނުވީ އެލީނާގައި މިލާފައިވާ މޫނެވެ. އަބަދުމެ އެމޫނުގައިވާ ހިނިތުންވުން ނެތްކަމެވެ. ބެލްކަނީގައިވެސް ރަމްލާ ނެތުމުން ދެން އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ނާޝިދުއަށް އެނދުގައި އޮތް ރަމްލާ ފެނުމުން ހިނިތުންވެވުނެވެ.

ނިދިފައި އޮތް ލޯބިވާ އަނބިމީހާގެ ނިތަށް ބޮސްދެމުން ނާޝިދު ގަމީސް ބޭލިއެވެ. އެއަށްފަހު ފާޚާނާއަށް ވަނީ ފެންވަރާ ތާޒާވެލަން ބޭނުންވެފައި ހުރުމުންނެވެ. ހަމަ އެވަގުތެވެ. ރަމްލާ ލޯ ހުޅުވާލައި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ނާޝިދު ފެންވަރަން ވަނީކަން ޔަޤީންވުމުން ފޯނު ނަގާ އައިސްފައި އިން މެސެޖަށް ޖަވާބުދިނެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެއަށްފަހު އަވަސް އަވަހަށް ބާލިސްދަށަށް ފޯނު ކޮއްޕާލަމުން ނިދާކަމަށް ހެދިގެން އޮތީ ނާޝިދު ނިކުންނަށް އުޅޭހެން ހީވުމުންނެވެ. ރަމްލާގެ މި ސިއްރުވެރި ޢަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާނެކަން ޔަޤީނެވެ. މަންމައާއި ބައްޕައާއި ނިކުންނަންވާއިރަށް އެލީނާ އުޅެނީ އަވަދިނެތި ސައި ހެދުމަށެވެ. ފިހެފައި ހުރި މަފިންސްތައް ރީތި ތަށްޓަކަށް އަޅާލަމުން، ގިރާފައި ހުރި އައިސްކޮފީ ޖަގު ކައިރީގައި ބެހެއްޓިއެވެ. އެއަށްފަހު ބެލްކަނީއާ ދިމާއަށް ހިނގައިގަތީ އެތަނުގެ ދޮރު ހުޅުވުމަށެވެ. އެޕާޓްމެންޓް ތެރެއަށް ސާފު ވައިކޮޅެއް ވެއްދުމަށާއި، މަފިންސްގެ ވަސް އެޕާޓްމެންޓުން ބޭރުކޮށްލުމުގެ ގޮތުންނެވެ. ހަމަ އެވަގުތެވެ.

އެއްލި ކަޅިއަކުން އެލީނާގެ ލޮލުގައި އެއްކަލަ ޒުވާނާ އަޅައިގަތެވެ. ހުރީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މިއަދު ހިނގި ހާދިސާ އެލީނާއަށް ކުލަވިފަދައެވެ. ނަމަވެސް، މިފަހަރު އެލީނާހުރީ ބުރުގާ އަޅައިގެންނެވެ. ވުމާއެކު، މޫނު ކުނިކޮށްލަމުން ބެލްކަނީގެ ދޮރު ޖަހަން ދަމާލިއެވެ. “ދަރިފުޅާ! ހާދަ ބާރަކަށް ތި ދޮރުލެއްޕީ؟ ހާދަ ދެރަވެފަ ހުރިހެން ހީވެޔޭ، ހުރިހާ ކަމެއްވެސް އަނގަޅުތަ؟” ބެލްކަނީގެ ދޮރުލައްޕާފައި އެނބުރިލި އެލީނާއަށް ކުރިމަތިލާން ޖެހުނީ އޭނާގެ ބައްޕަގެ ސުވާލުތަކާއެވެ. ވުމާއެކު އެލީނާ ޖަވާބުދޭން އަވަސްވެގަތެވެ. “ލައްބަ ބައްޕާ. މި ދޮރު ކުޑަކޮށް އުނދަގޫވީ ލައްޕަން. ބައެއްފަހަރު ތާށިވެއެއްނު. އަޅުގަނޑު އޯކޭއޭ. ބައްޕަ ކަންބޮޑުނުވޭ. ބައްޕަ ސައިބޯން އަންނަން ވީނު. ކޮބާ މަންމަ؟ އައި މޭޑް ޔުއަރ ފޭވް!” ޖަވާބުދެމުން، އެލީނާ ނާޝިދުގެ އަތުގައި ހިފައި ގެނެސް މޭޒުމަތީގައި ބައިންދަމުން ހިނިތުންވެލިއެވެ. އެއަށްފަހު، ތިން ތައްޓަށް އައިސްކޮފީ އެޅިއެވެ.

ކުރެވެމުން ދިޔަ އިހުސާސްތަކަށް ފަސްއަޅާ ފޮރުވާލީ ލޯބިވާ ބައްޕައަށްޓަކައެވެ. އެލީނާ ދެރަވެފައި ހުރެއްޖެނަމަ އެބައްޕަ އާއި މަންމަ ވިސްނާނެ ކަން އެލީނާއަށް އެނގޭތީއެވެ. ދެންމެ ކޮޓަރިން ނިކުމެގެން އައި ރަމްލާއާއި، ނާޝިދުގެ ކުރިމަތީގައި މިހާރު އިނީ ކުރީގެ އެލީނާއެވެ. އެކުޑަކުޑަ އުފާވެރި އާއިލާ އެކުގައި ސައިމޭޒުދޮށުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި، ވަކިވީ އެލީނާ ކޮޓަރިއަށް ގޮސް، ރަމްލާ އާއި ނާޝިދު ކާރު ދުއްވާލަން ދާން ނިކުތުމުންނެވެ. މަދުވެގެން ހަފްތާއަކު ތިންދުވަހު ރަމްލާ ގޮވައިގެން ހަވީރު ނޫނީ ރޭގަނޑު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ނާޝިދު ވަރަށް އިސްކަންދީގެން ކުރާ ކަމެކެވެ. އެލީނާ ގާތު ދާން އެދުނުނަމަވެސް އޭނާ ޢުޛުރުވެރިވީ، އެސައިންމެންޓު ހަދަން ޖެހޭކަމަށް ބުނެއެވެ. އެލީނާގެ މަޑު އެނދުގައި ގޮސް ބަންޑުން އޮށޯވެވުމާއެކު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ “ބެސްޓީ” އެވެ. އިރަމް އެވެ. ވީޑިއޯ ކޯލްއަކަށް ކަން ގުޅަނީ އެނގުމުން، ލޯގަނޑު ކައިރިއަށް ހުއްޓި މޫނު ރީތިކޮށްލީ، ރޮއެފައި ހުރި ކަމުގެ އެއްވެސް އަސަރެއް އިރަމް އަށް ފާހަގަވާން ބޭނުން ނުވާތީއެވެ. އެ އެކުވެރިޔާއަކީ އެލީނާއަށް އަންނަ ކިތަންމެ ކުޑަ ބަދަލެއް ވިޔަސް އެކަން ފާހަގަވާ މީހަކަށް ވާތީއެވެ. އިރަމް ކަހަލަ ރަހުމަތްތެރިއަކީ ޖަވާހިރެކޭ އެލީނާ އިރަމް ކައިރީގައި ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ” ހޭ އެލީ! ކޮލެޖަށް ދާން އެބައޮތް ދޯ މިރޭ. އާގްގްގްގ އައި ޑޯންނޯ ވަޓް ޓު ވެއާ..” އިރަމް އެލީނާ ފޯނު ނެގުމާ އެކީ ވާހަކަ ދައްކަން ފެށިއެވެ. “ހޭ އިރޫ.. ޔެއާ ވީ ގޮޓް ކޮލެޖް ޓުނައިޓް. އަހަރެން ލާނީ ބްލޫ އަބާޔާ. އިނގެއެއްނު އެއްކަލަ ގޯލްޑެން ޒިބު އިންނަ އަބާޔާ؟ އޭތި.” އެލީނަ ޖަވާބު ދިނީ އިސްދަށަށް ޖަހައިގެން އިނދެއެވެ. އިރަމް އެލީނާ އާ ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން އިންކަން އޭނާއަށް ފާހަގަނުވީ އެހެންވެއެވެ. ” އެލީ، ޔޫ ގުޑް؟ ރޮއެފަ ދޯ ތިހުރީ. ކިހިނެއްވީ؟ ރަމްލައްތަ އެންޑް ނާޝިދުބެ އޯކޭތަ އަނެއްކާ؟ ހޭ އެލީ ލުކް އެޓް މީ!” އިރަމް ކިޔަން ފެށިއެވެ.

އެލީނާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އެކަޅުކަންގަދަ އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ފައިބަންފެށިއެވެ. އެހިތަށް ކުޅަދާނަ ނުވީއެވެ. އޭރުވެސް ހުއްޓާނުލާ އެލީނާ ގާތުގައި ވީ ކީއްތޯ އަހަމުން އިރަމް ދިޔައެވެ. ” އިރޫ. ސޮރީ ރޮއެވުނީމަ. މަންމަމެން އޯކޭއޭ. މިއަދު އަހަރެންނަށް ދުވަހަކުވެސް ނުވާ ކަމެއް ވެއްޖެ. ހަނދާންވޭތަ މިއަދު ހެނދުނު ބުނި ފިރިހެނާގެ ވާހަކަ؟ އައި ތިންކް ހީ މޫވްޑް ޓު އެޗް 14. އެއްކަލަ ބެލްކަނީގައި މިއަދު ހުރި ބަލަހައްޓައިގެން. އެންޑް އިރޫ އެލީ ހުރީ ބުރުގާ ވެސް ނާޅާ!” މިހިސާބަށް ބުނެވުމާއެކީ އެލީނާ އަށް އަނެއްކާ ރޯންފެށުނެވެ. “އޯ އެލީ! އެލީމެން ތިތަނުގައި އުޅެން ފެށީންސުރެ އެތަން ހުންނަނީ ހުސްކޮށެއްނު؟ އެހެންވެ އެންނު އެލީ ބުރުގާ ނާޅާ ނިކުންނަނީވެސް އެތަނަށް؟ އިޓްސް ނޮޓް ޔުއާ ފޯލްޓް އޭ.. ނޭނގެއެއްނު އޭނަ އުޅޭކަމެއް. ސޯ އޯކޭވެބަ. އެލީގެ ސެލްފްއަށް ޕަނިޝް ނުކޮށްބަ. ދެރަވެފަ އިންނައިރު އެލީއަކާ ނުގުޅޭ!” އިރަމްގެ މިފަދަ އެތައް ވާހަކަތަކަކުން އެލީނާ ހަމަޔަކަށް އެޅެމުން ދިޔައެވެ. އެގޮތަށް ގޮސް ގަޑިއެއްހާއިރު ވަންދެން ދެކުދިން ވާހަކައިގައި ތިއްބެވެ.